ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8 ބިދޭސީން ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކްފޯހުންކަމަށެވެ. މި ޓާސްކްފޯހުން ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ 4 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރި އެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، މިފަދަ އޮޕަރޭޝަންތައް ކުރިއަށްގެންދަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށެވެ. މިގޮތުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގައި އެކަނިވެސް 5600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް ފޮނުވާލާފަ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަނުން ރެއިޑުތައް ކުރިއަށް ގެންދާއިރު ހޯމް މިނިސްޓްރީން އަންނަނީ ބިދޭސީންގެ ބަޔޯމެޓްރިކްސް ޑޭޓާ އެއްކުރަމުންނެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވައިދުގެ ތެރެއަށް ވަނުމަށް ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތުވެސް ސަރުކާރުން ވަނީ ފަހިކޮށްދީފަ އެވެ.
