ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި އިނގިރޭސިވިލާތް ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން 70،600 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 670،000 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6 ޕަސެންޓުގެ ކުރިއެރުމެކެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 630،000 ޓޫރިސްޓުންނެވެ. ވޭތުވެދިޔަ ތިން މަހުގައިވެސް، ކޮންމެ މަހަކު 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
އިނގިރޭސިވިލާތުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި، އެ ގައުމުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ލިވަޕޫލާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ކެމްޕޭނެއް ވަނީ ފަށާފަ އެވެ. ލިވަޕޫލްގެ ”އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު“ގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމާއެކު، ތިން އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް އެ ކްލަބްގެ އެކި ހަރަކާތްތަކުގައި ރާއްޖެ ޕްރޮމޯޓްކުރެވޭނެ އެވެ.
މިހާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް 77،000 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މާޗް މަހުގެ ނިޔަލަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިއާއިން މިހާތަނަށް 70،500 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.
ރާއްޖެ - އިނގެރޭސިވިލާތް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން
