ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް މުހައްމަދު މުޖްތާޒް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެކޮމިޝަނަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ، މއ. ސިގްމާ، އަލްއުސްތާޛު މުހައްމަދު މުޖްތާޒްގެ ނަމެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް މުޖުތާޒް އައްޔަނު ކުރުމަށްއެދި ރައީސް ފޮނުއްވި ސިޓީ އިއްވަވާފަ އެވެ. މި މައްސަލަ ދިރާސާ ކުރުމަށްވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރ. މީދޫ، ބްލެކް އިބްރާހިމް ރަޝީދު 11 މާޗް 2025 ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.
މުހައްމަދު މުޖްތާޒްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)
