ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް ހެދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީންގެ މެދުގައި ހިނގި މާރާމާރީއެއްގައި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކަށް ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި މައްސަލައިގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި މައްސަލައިގެ އިތުރު ތަފްސީލް ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ހާދިސާ ދުށް ފަރާތްތަކުން ދޭ މައުލޫމާތުގައިވާ ގޮތުން، މާރާމާރީގައި އަނިޔާވި ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ ބޯ ފަޅާލައި، އަދި ހަށިގަނޑުގެ އެކި ތަންތަނުގައި ހަތިޔާރު ބޭނުންކޮށްގެން ވަނީ ހަމަލާދީފަ އެވެ. މި ހާދިސާއާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލް ވަނީ ފުރިފަ އެވެ.
ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތްކުރަނީ ސައުދީގެ ބިންލާދީން ގޫރޫޕުންނެވެ. މީގެކުރިންވެސް އެތަކެއް މާރާމާރިއެއް އެތަނުގައި މަސައްކަތްކުރާ ބިދޭސީންގެ މެދުގައި ހިންގާފައިވެ އެވެ. 2023 ވަނަ އަހަރު މަރުވެފައިވާ ބިދޭސީއެއްގެ ހަށިގަނޑުވެސް ވަނީ ފެނިފަ އެވެ. އެ ބިދޭސީ މީހާއަކީވެސް ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތްކުރަމުން އައި ބިދޭސީއެކެވެ.
