ކޮންމެ ދިވެހި ދަރިޔަކީ މި ޤައުމަށް މުހިންމު އަގުހުރި ދަރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އޯޓިޒަމް ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ”އޯޓިޒަމް ތަޙައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ޤައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދީން“ ކަމަށެވެ. އަދި އެ ކުދީންނަށް އަޅައިލުމާއި ލޯބިދިނުމަކީ ޤައުމީ ވާޖިބެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ އޭޕްރިލް 2 ވަނަ ދުވަހަކީ ދުނިޔޭގެ އޯޓިޒަމް ދުވަސް އެވެ. މި ދުވަހަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ (އޭއެސްޑީ) އާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައިވާ ދުވަހެކެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި 5 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 3.8 ޕަސެންޓަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ. ނަމަވެސް، އޯޓިޒަމް ހުންނަ މީހުންގެ ވަކި ތަފާސްހިސާބެއް މިވަގުތު ލިބެން ނެތްކަން ފާހަގަކުރެވެ އެވެ.
