ފިޠުރު ޢީދުގެ މުނާސަބަތުގައި ބާއްވާ ”ޢީދު ބައިބަލާ ޗެލެންޖް 1446“ ހުޅުމާލޭގައި ރޭ ފަށައިފި އެވެ.
މިއީ ހުޅުމާލޭގައި މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.
ޖުމްލަ 29 ޓީމު ބައިވެރިވެފައިވާ މި އަހަރުގެ މުބާރާތުގައި މިފަހަރު މެޗުތައް ކުރިއަށްދަނީ ނޮކްއައުޓް އުސޫލުންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި އަހަރުގެ މުބާރާތުގައި ރޭ ވަނީ 6 މެޗެއް ކުޅެފަ އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ބުރު ސްޕޯޓްސް ކުލަބު ސީދާ ދެ ގޭމުން ބަލިކޮށް، ޓީއެފްޓީން ވަނީ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފަ އެވެ.
ދެވަނަ މެޗުގައި ޓީއެފްޓީ ވަކަރުގެއިން ވަނީ ސީދާ ދެ ގޭމުން ދަ ބައުސް ސްޕޯޓްސް ކުލަބު ބަލިކޮށްފަ އެވެ.
އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް، ކުލަބު ކާސިންޖީން ވަނީ ކުލަބު އޯވަންއޯގެ މައްޗަށް ސީދާ ދެ ގޭމުން ކުރިހޯދާ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފަ އެވެ.



