މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 590،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.
ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހައިތަނަށް ރާއްޖެ އައިސްފާ ފަތުރުވެރިންގެ ޖުމްލަ އަދަދު 593،956 އަށް އަރަ އެވެ. މި އަދަދަކީ މިދިޔަ ތިން އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މި އަހަރުގެ ޖަނަވަރީ އަދި ފެބްރުވަރީ މަހު ވެސް 214،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މާރިޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 165،002 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި މި އަހަރު އެވްރެޖްކޮށް ދުވާލަކު 6،988 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69 އިންސައްތަ، ނުވަތަ 410،024 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރިޒޯޓުތަކަށެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ. އެގޮތުން ޖުމްލަ ފަތުރުވެރިންގެ 25.5 އިންސައްތަ ކަމުގައިވާ 151،293 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ. މީގެއިތުރުން ހޮޓާތަކަށް 17،172 ފަތުރުވެރިންނާއި، ޓޫރިސްޓު އުޅަނދުތަކަށް 14،936 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން
