މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ތުހުމަތުގައި 30 އަހަރުގެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ރ. މަޑުއްވަރިއަށް ނިސްބަތްވާ އައިޝަތު ނަޝާޔާ ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަން އޭނާގެ ބަންދު އަމުރުން އެނގެ އެވެ.
ކޯޓު އަމުރުން ހާމަވާ ގޮތުގައި ނަޝާޔާއަކީ ކުށުގެ ރެކޯޑެއް އޮތް މީހެކެވެ. އޭނާ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރެވިފައިވެ އެވެ.
މީގެ އިތުރުން، މަޑުއްވަރީ ކޯޓުން ކުރިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ވެސް ނެރެފައިވެ އެވެ.
ފާއިތުވި އަހަރުތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ އަންހެނުންގެ އަދަދު އިތުރުވަމުން އައިސްފައިވާކަން ފަހަގަކޮށްލެވެ އެވެ.
