ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ކުރިޔަށް ގެންދަން ރޭވިފައިވާ މަޝްރޫއުތަކަށް އެންމެ މަދުވެގެން ހޭދަކުރަންޖެހޭ މިންވަރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަށް ރައީސް މުހައްމަދު މުއިއްޒު އިތުރުކުރައްވައިފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން، ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާނެ މުހިންމު މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހަވާލުކުރާ ފަރާތްތަކުން އިންވެސްޓްމެންޓްގެ އަދަދުތައް ކަނޑައެޅުމުގެ ގަރާރެއް ރައީސް ނެރުއްވާފައިވާއިރު، މީގެ ކުރިން މިނިވަންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން ހޭދަކުރަންޖެހޭނެ މިންވަރަކަށް ކަނޑައަޅުއްވާފައި އޮތީ 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) އެވެ.
ރައީސްގެ ގަރާރުގައި ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގުމަށް 25 މަޝްރޫއު ކަނޑައަޅުއްވާފައިވެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އެއާޕޯޓު މަޝްރޫއުތަކާއި އައްސޭރި ޓޫރިޒަމް މަޝްރޫއުތަކުގެ އިތުރުން ސޯޝަލް ހައުސިން މަޝްރޫއުތަކާއި ބިން ހިއްކުމާއި ކޯޒްވޭއިން ގުޅާލުން ފަދަ މަޝްރޫއުތައް ހިމެނެ އެވެ.
މި ބަދަލާއެކު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެ އެވެ.
