ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ މުސާރަ ކުޑަކޮށް އިނާޔަތްތައް ކަނޑާލަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އެ ޕެޓިޝަންގައި ވަނީ މެމްބަރުންގެ މުސާރަ ކުޑަކޮށް ކޮމިޓީ އެލަވަންސް އުނިކުރުމުގެ އިތުރުން މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް މިހާރު ދޭ ހާއްސަ ހެލްތު އިންޝުއަރެންސް ކަނޑާލާ، ކުރިން މެންބަރުކަން ކުރި ފަރާތްތަކަށް ދޭ އެލަވަންސް ކަނޑާލުމަށެވެ.
މެމްބަރުންނަށް މިހާރު ލިބޭ މުސާރައިގެ އިތުރުން ކޮންމެ ތިން މަހަކުން ލިބޭ ޗުއްޓީ އާއި މަޖިލިސް ކުރާ ގެއިން ލިބޭ ހިލޭ ކެއިންބުއިމުގެ އިތުރުން މެންބަރުކަމުން ވަކިކުވުމުން ލިބޭ އިނާޔަތްތަކާ އަޅާބަލާއިރު މެންބަރުން ކުރާ ގާނޫނީ މަސައްކަތުގެ ފެންވަރު އިންތިހާއަށް ދަށް ކަމަށްވެސް ބުނެފައިވެ އެވެ.
ގައުމުގެ އިގުތިސޯދީ ހާލަތު ދަށްވެ އާންމުންގެ ދިރިއުޅުމުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދާ މި ދަނޑިވަޅުގައި މަޖިލިސް މެންބަރުންނަށް ދައުލަތުން ދޭ އާމްދަނީ ދަށް ކުރަން ޖެހޭ ކަމަށާއި ގައުމު މި ހާލަތަށް ދިޔުމުގައި މެންބަރުންގެ ރޯލު ބޮޑުކަމަށްވެސް ޕެޓިޝަންގައިވެ އެވެ.
މަޖިލިހުގެ މެމްބަރުންގެ މުސާރައަކީ މަހެއްގެ މައްޗަށް 69،000ރ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. އާ އެކުގައި މެމްބަރުންނަށް 80،000ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވަ އެވެ.
