މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފި އެވެ.
ފުލުހުންގެ ތަފާސްހިސާބުން މި އަހަރުގެ އިތުރުން، މިދިޔަ 16 އަހަރުގެ ތެރެއިން ކޮންމެ އަހަރެއްގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދުތައް ވެސް ފެނެއެވެ. އެއިން ދައްކާ ގޮތުގައި އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތެކެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކްސިޑެންޓުތައް ހިނގައިގެންނެވެ. އެ ގޮތުން އެކްސިޑެންޓުގެ 762 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ވައްކަމާ ގުޅުންހުރި 667 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
މީގެ ތެރެއިން ހަމައެކަނި މި އަހަރުގެ ޖެނުއަރީ މަހު 234 އެކްސިޑެންޓުގެ މައްސަލަ ހުށަހަޅާފައިވާއިރު، ފެބްރުއަރީގައި އިތުރަށް 61 އެކްސިޑެންޓުގެ މައްސަލަ ހުށަހަޅާފައިވެއެވެ.
މިދިޔަ 16 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތައް
ވައްކަން: 95،064
މަސްތުވާތަކެތި: 41،316
ޓްރެފިކް އެކްސިޑެންޓް: 40،240
ގެއްލިގެން ހޯދާ ތަކެތި: 27،158
މާރާމާރީ: 20،966
