ރޯދަ މަހުގެ އެންމެ ފަހު ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުން ކުރި މިންވަރު އިތުރުވެފައިވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން އިން، މާލެ ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހު ކަރަންޓު ބޭނުން ކުރި މިންވަރު އާންމުކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި ހޮނިހިރު ދުވަހުގެ ރޭގަނޑު 11 ޖެހުމާ ހަމައަށް ކަރަންޓު ބޭނުން ކުރި މިންވަރު ހިމަނާފައިވެ އެވެ.
މާލެ ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހު ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ހުކުރު ދުވަހާ އަޅާ ބަލާއިރު އިތުރުވެފަ އެވެ. އެގޮތުން ހޮނިހިރު ދުވަހު އެންމެ ޕީކް ގަޑީގައި 104 މެގަވޯޓާއި ގާތްކުރާ އަދަދަަކަށް ކަރަންޓު ބޭނުންކޮށްފައިވެ އެވެ.
ހޮނިހިރު ދުވަހު ކަރަންޓު ބޭނުން ކުރި މިންވަރު:
- ދަންވަރު 12 އިން ފެށިގެން ހެނދުނު 7 އާ ދެމެދު 89،567 ކިލޯވޯޓާއި 72،384 ކިލޯވޯޓާއި ދެމެދުގެ އަދަދަކަށް ކަރަންޓު ބޭނުންކޮށްފައިވޭ.
- ހެނދުނު 7 އިން ފެށިގެން މެންދުރު 1 އާ ދެމެދު ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ މަތިވާން ފަށާފައި. 1 ޖެހި އިރު ކަރަންޓު ބޭނުން ކުރި މިންވަރު ހުރީ 95،680 ކިލޯވޯޓުގައި.
- އެންމެ ގިނައިން ކަރަންޓު ބޭނުން ކުރީ މެންދުރު 2 އިން ފެށިގެން ހަވީރު 4 އާ ދެމެދު. އެ ވަގުތުތަކުގައި ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ 100،000 ކިލޯވޯޓަށް ވުރެ މައްޗަށް އަރާފަ.
- އެންމެ ގިނައިން ކަރަންޓު ބޭނުން ކޮށްފައިވަނީ ހަވީރު 4 ޖެހި އިރު. އެ ވަގުތު 103،801 ކިލޯވޯޓުގެ ކަރަންޓު ބޭނުން ކުރި.
- ހަވީރު 4 އިން ފެށިގެން އިރުއޮށްސި 7 އާ ދެމެދު ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ 93،833 ކިލޯވޯޓަށް ދަށްވެފަ.
- ރޭގަނޑު ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ އިތުރުވެފައި. ރޭގަނޑު 11 ޖެހިއިރު 102،385 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި
ސްޓެލްކޯއިން ރޯދަ މަހުގެ ދުވަސްތަކުގައި ކަސްޓަމަރުން ކަރަންޓު ބޭނުން ކުރަމުން އަންނަ މިންވަރު ހާމަކޮށްފައިވާއިރު އެ ކުންފުނިން ވަނީ ކަރަންޓު ބޭނުން ކުރާ މިންވަރު ކުޑަ ކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީފަ އެވެ. އަދި ކަރަންޓު ހަރަދު ކުޑަ ކުރެވޭނެ ގޮތްތަށްވެސް އެ ކުންފުނިން ވަނީ ކިޔާދީފަ އެވެ.
މި އަހަރުގެ ރޯދަ މަހުވެސް ބޭނުން ކުރި ކަރަންޓުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ޑިސްކައުންޓް ފެން ބިލުތަކަށްވެސް ލިބޭނެ އެވެ.
