އެމްޑީޕީން ބޭއްވި އިހުތިޖާޖުތަކުގައި އިސްކޮށް ހަރަކާތްތެރިވި އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް މި މަހު 17 ވަނަ ދުވަހު ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އަހުމަދު ރިޝްމާހު (20އ) ސަންލައިޓް ވިލާ، ގއ. ދާންދޫ ކަމަށެވެ.
އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށްވެސް ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކުރީ ކަޅުތެޔޮ ޖެހިއިރު ސައިކަލު ދުއްވަންއިން މީހާ އެވެ. އަދި އޭނާ ވަނީ ފަހަތުގައި އިން މީހާގެ މައުލޫމާތު ހިއްސާކޮށްފައި ކަމަށް ކޯޓު އަމުރުގައިވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
