ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށަށް އދ. މާމިގިލި ކައިރީގައި އޮތް އަރިޔަދޫ ނަގައި އެރަށުގައި ދިވެހި ރުށް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.
އަރިޔަދޫއަކީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމެއްގަ އެވެ. އެރަށުގައި ދިވެހި ރުށް އާލާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައި މިވަނީ ރާއްޖޭގެ ބާޒާރުގައި ކާށީގެ އަގު އެތަށް ގުނަޔަކަށް ބޮޑުވެގެން ގޮސް ކާށި ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
އަރިޔަދޫގައި ”ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް“ ގާއިމްކޮށް، ރާއްޖޭގައި ހެދޭ އަދި ހައްދަން ބޭނުންވާ މަތިވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމް ކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ރުކުގެ އިތުރުން ހޭޅިފަށުގައި ހެދޭ ގަސްގަހާގެހި އާލާ ކުރުމަށާއި ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އެ ރަށުގައި ހައްދާނެ ކަމަށެވެ. އަދި ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ އެކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ ”އެޑެޕްޓިވް ރިސާޗް“ އަރިއަދޫގައި ފަށައި، ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރަން ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް އާލާކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
އަރިޔަދޫއަކީ 29 ހެކްޓަރުގެ ބޮޑުމިނުގެ ރަށެކެވެ. މި ރަށް 2018 ވަނަ އަހަރު ދަނޑުވެރިކަން ކުރުމަށް އަހަރަކު ތިން މިލިއަން ރުފިޔާއަށް ކުއްޔަށް ދީފައިވަނީ ކެޕިޓަލް ޓްރެވަލް އެންޑް ޓްވާސް ޔޫސުފު ރިފުއަތުގެ އެމްޕްލޯއީމަންޓް ބިއުރޯ މޯލްޑިވަސް އަށެވެ. ނަމަވެސް މިހާތަނަށް މި ރަށުން އެއްވެސް ބޭނުމެއް ކޮށްފައެއް ނުވެ އެވެ.
މި މަޝްރޫއަކީ މި ސަރުކާރުން ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަޅާ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެ އެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ކާށީގެ އުފެއްދުންތެރިކަން އިތުރުވެ، ކާށި ލިބުމުގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް ބެލެވެ އެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ދަނޑުވެރިކަން


