ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ހާޒިރީއާއި ކޮމިޓީތަކުގައި މެންބަރުން ކުރާ މަސައްކަތަށް ބެލުމަށް ފަހު އަބަދުވެސް ކޮމިޓީތަކުން މެންބަރުން ބަދަލު ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓެއްގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނު ޕީއެންސީގެ ވިޕްލައިނާ ހިލާފުވެ ބައިވެރިވެވަޑައިގެންފައިނުވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އިން އަޒާން ވަކިކޮށްފައިވާކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.
ފަލާހު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުން މެންބަރުން އެއް ކޮމެޓީން އަނެއް ކޮމެޓީއަށް ބަދަލު ކުރުމަކީ ޕާލިމެންޓްރީ ގްރޫޕްތަކުގައި އަބަދުވެސް ހިނގާކަމެއް ކަމަށެވެ.
ޕީޖީ ގުރޫޕުގެ ޢަދަދާއި ކޮމެޓީތަކުގެ ޢަދަދާއި، މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހްމިއްޔަތުކަމާއި، ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މަައްޗަށް ބިނާކޮށް އެކި ކޮމެޓީތަކަށް އެކި މެންބަރުން އެކި އިރު ބަދަލު ގެނައުމަކީ 17، 18 ، އަދި 19 ވަނަ މަޖިލީހުގައި ވެސް ޢާންމުކޮށް ހިނގާފައި ހުންނަ ކަންކަން ކަމުގައި ދަންނަވާލަން.
ފަލާހު ވިދާޅުވީ ކޮމިޓީތަކުގެ މެންބަރުން ބަދަލު ކުރުމަކީ މީގެ ކުރީގެ 3 މަޖިލީހުގައިވެސް ހިނގާފައިވާކަންކަން ކަމަށާއި 20 ވަނަ މަޖިލީހުގައިވެސް މިފަދަ ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކޮމިޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތައް އަންނަމުން ދާނެކަމަށް ފަލާހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާ، 241 ކޮމެޓީއަކީ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ދެ ކޮމެޓީ އެވެ. އަދި އަޒާން އަލަށް އައްޔަންކުރެވުނު ދެ ކޮމެޓީކަމަށްވާ އިމްތިޔާާޒާ ސުލޫކު ކޮމިޓީއާ، ޕެޓިޝަން ކޮމިޓީއަކީ މަޖިލީހުގެ ކޮމެޓީތަކުގެ ތެރެއިން އެންމެ މަސައްކަތް މަދު، އަދި ނުފޫޒު ކުޑަ ދެ ކޮމެޓީ އެވެ.
ރައްޔިތުންގެ މަޖިލިސް އަހުމަދު އަޒާން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު