މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ހދ. ކުޅުދުއްފުއްޓަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން މިއަދު ހާމަކޮށްފިއެވެ.
މެޓް އޮފީހުން ދެއްކި ތަފާސްހިސާބުތަކުގައިވާ ގޮތުން، ކުޅުދުއްފުއްޓަށް 31.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އެއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ވެހުނު އެންމެ ބޯ ވާރެއެވެ.
އުތުރުގެ އެހެން ސަރަހައްދުތަކަށްވެސް ވަރަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ. މިގޮތުން ހދ. ހަނިމާދޫއަށް 21.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހއ. ކެލާއަށް 10 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މީގެއިތުރުން އދ. މާމިގިލި އަދި ފ. ނިލަންދޫއަށް ކޮންމެ ރަށަކަށް 1 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރި ނަމަވެސް، މުޅި ހަފުތާގެ މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.