ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއަރކްރާފްޓް، އޭ 330 މަތިންދާބޯޓުން އިންޑިއާގެ ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުތައް ފަށައިފި އެވެ.
މޯލްޑިވިއަންގެ އޭ 330 މަތިންދާބޯޓުގެ ފުރަތަމަ ފްލައިޓް ކޮޗިން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. މީގެ ކުރިން މި ދެ ސިޓީއަށް މޯލްޑިވިއަންގެ ދަތުރުތައް ކުރަމުން އައީ އޭޓީއާރު 72 އަދި އެއަރބަސް އޭ 320 މަރުކާގެ ބޯޓުތަކުންނެވެ.
މޯލްޑިވިއަންއިން ބުނީ އޭ 330 މަތިންދާބޯޓުން މި ދަތުރުތައް ފަށަން ނިންމީ މި ދެ ސިޓީއަށް ދަތުރުކުރުދަތުރުކުރުމަށް އޮތް ބޮޑު ޑިމާންޑަށް ބަލާފައި ކަމަށެވެ.
އެއަރބަސް އޭ 330 ބޯޓަކީ 260 ފަސިންޖަރުން އުފުލޭ ބޯޓެކެވެ. މި ބޯޓުގައި ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސްތަކަށް ޚާއްޞަ ގޮނޑިތައް ހިމެނެ އެވެ. މީގެ އިތުރުން، މި ބޯޓުން ދުރު ރާސްތާގެ ދަތުރުތައް ކުރެވޭއިރު، ކޮންމެ ފަސިންޖަރަކަށްވެސް 40 ކިލޯގެ ބެގޭޖު އުފުލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މޯލްޑިވިއަންގެ އޭ 330 ބޯޓުން މިހާރު ވަނީ ޗައިނާގެ ޝެންހާއީއަށްވެސް ދަތުރުތައް ފަށާފަ އެވެ. އަދި އިތުރު އޭ 330 ބޯޓެއް ގަތުމަށް މޯލްޑިވިއަންއިން މަސައްކަތްކުރަމުންދާ ކަމަށާއި، މި އިތުރު ބޯޓާއެކު ޔޫރަޕްގެ ސިޓީތަކަށްވެސް ސީދާ ދަތުރުތައް ކުރުމަށް ރޭވިފައިވާ ކަމަށް އެއަރލައިންއިން މަޢުލޫމާތު ދީފައިވެއެވެ.
މި ދަތުރުތައް ފެށުމާއެކު، ދިވެހިން ބޭސްފަރުވާއަށް އެންމެ ގިނައިން ދާ ދެ ސިޓީއަށް ދަތުރުކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެން ވަނީ ގޮސްފަ އެވެ.