ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުން ކުރި މިންވަރު ބޮޑުތަނުން ދަށްވެއްޖެ އެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޯދަ މަހުގެ ކުރިން އެންމެ ޕީކް ގަޑީގައި އެވަރެޖްކޮށް ކަރަންޓު ބޭނުން ކުރާ މިންވަރު ހުރީ 100 މެގަވޮޓްއިން މަތީގައި ކަމަށެވެ. ނަމަވެސް އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު ހުރީ 78 މެގަވޯޓުގައިކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ރޯދަ މަހުގެ ފުރަތަމަ ކަރަންޓު ބޭނުން ކުރި މިންވަރު މަދުވެފައިވަނީ އިއްޔެއަކީ ވިއްސާރަ ދުވަހަކަށް ވެފައި ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ދަށްވުމުންކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަސް ހޫނު ދުވަސްވަރަކާ ދިމާވުމުން އެމަހު ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ފުދޭވަރަކަށް މަތިވެފަ އެވެ. އޭގެ ސަބަބުން އާންމުގެ ޝަކުވާވެސް ބޮޑުވެގެން ދިޔަ އެވެ.
ސްޓެލްކޯއިން ވަނީ ރޯދަ މަހުގެ ކަރަންޓު ބިލުން މިއަހަރުވެސް ޑިސްކައުންޓް ދިނުމަށް ނިންމާފަ އެވެ.