ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ލޯންޗެއް އަޑިއަށް ދާކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެގޮތުން ޓޫރިސްޓުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ގޮސް، އަޑިއަށް ދާން ފެށުމުން ކޯސްޓް ގާޑުން މިއަދު އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ. އެމްއެންޑީއެފުން ދެންމެ ބުނީ ކ. ތިލަފުއްޓާ ދިމާލުން ބޭރުން ދަތުރުކުރަމުން ދިޔަ ”ސުވެނިއާ 34“ ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.އެހެނީ މި ލޯންޗުން ދަތުރު ކުރަމުން އައީ 34 ޓޫރިސްޓުނާއި 4 ފަޅުވެރިންއެވެ.
ޓޫރިސްޓުން ގޮވައިގެން އދ. ދިގުރަށުން މާލެއަށް ދަތުރުކުރި ”ހުވަން“ ނަމަކަށް ކިޔާ ލޯންޗެއް ވެސް މިއަދު ވަނީ ދިޔަވެގެން އަޑިއަށް ގޮސްފަ އެވެ. އެ އުޅަނދުގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ 48 މީހަކު ތިއްބެވެ. އެއީ ހަތަރު ފަޅުވެރިންނާއި 48 ފަސިންޖަރުންނެވެ. އެ ލޯންޗުގައި ތިބި ހުރިހާ ފަސިންޖަރުންނަކީ ވެސް ޓޫރިސްޓުންނެވެ. އެ އެންމެން މިހާރު ވަނީ ސަލާމަތްކޮށްގެން ދިގުރަށަށް ގެންގޮސްފަ އެވެ.
މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އަދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މި ވަގުތު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.