ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރޯދަމަހުގެ ފަހުން ގޭބީސީތަކުގައި ސްމާޓް މީޓަރ ހަރުކުރަން ފަށާނެ ކަމަށް އިއުލާނުކޮށްފި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ފުރަތަމަ ސްމާޓް މީޓަރުތައް ހަރުކުރަން ނިންމާފައިވަނީ ހުޅުމާލޭގައި ކަމަށެވެ.
ސްމާޓް މީޓަރުގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ 15 މިނެޓަކުން އެއްފަހަރު ކަރަންޓު ބޭނުންކުރެވޭ މިންވަރު ބެލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އިބްރާހިމް ނާޝިދު ވިދާޅުވިއެވެ.
ކަރަންޓުގެ ޚިދުމަތް ޒަމާނީ ކުރުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯއިން މިދިޔަ އަހަރު ސްމާޓް މީޓަރާ ގުޅޭ ޕައިލެޓް ޕްރޮޖެކްޓެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ. އެ ޕްރޮޖެކްޓްގެ ނަތީޖާގެ މައްޗަށް ބިނާކޮށް، މިހާރު އެ ކުންފުނިން ތައްޔާރުވަނީ ރަސްމީކޮށް ސްމާޓް މީޓަރު ތައާރަފު ކުރުމަށް ކަމަށް އިބްރާހިމް ނާޝިދު ވިދާޅުވި އެވެ.
މި އާ ޓެކްނޮލޮޖީ ތައާރަފުކުރުމުން ރާއްޖޭގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާވެ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.