ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި ކުލުނާއި ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އިސް ނަންގަވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ރަމަޟާން މަހާ ބައްދަލުވުމުގެ އުފަލުގައި، ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ، ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ އިޚްލާޞްތެރި މަސައްކަތް އިރާދަކުރެއްވިއްޔާ ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރައްވާނޭކަމަށް ވިދާޅުވެފަ އެވެ.
އަހަރަކު އެއްފަހަރު ބައްދަލުވާ ރަމަޟާން މަހު، އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ޙަޔާތުގައިވެސް ދެމެހެއްޓުމަށް ޢަޒުމު ކަނޑައަޅައި، ދިވެހި ކޮންމެ ކުޑަ ކުއްޖަކާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހެދުމަށް އެމަނިކުފާނުގެ ޚިޠާބުގައި ހިތްވަރުދެއްވާފައިވެ އެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އަމިއްލަ ނަފުސަށް ގެއްލުންހުރި، ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އެޅުމަށް ބާރުއަޅުއްވައި، ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ޙަޔާތެއް އުޅުމުގެ ޢަޒުމު ކަނޑައެޅުމަށް އެމަނިކުފާނު ނަސޭޙަތްތެރިވެވަޑައިގެންފައިވެ އެވެ.
ކީރިތި ޤުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ އެމަހެއްގައި ހިމެނިފައިވާ ރަމަޟާން މަހަކީ ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއްކަން ހަނދުމަފުޅުކޮށް އަރުވަމުން އެމަނިކުފާނު ވަނީ، ރަމަޟާންމަހު ހިފާ ރޯދަ އާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
މީގެއިތުރުން، ދިވެހީންގެ ސިލްމާ ސަލާމަތާ ކާމިޔާބު ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނާކަން، މި ފަދަ ކޮންމެ ރޯދަ މަހެއްގައިވެސް އަޅުގަނޑުމެން ޔަގީން ކުރަންވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.