މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންތިޒާމްކޮށްގެން ބާއްވާ ”ވިޒިޓް މޯލްޑިވްސް ހެކަތޯން“ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ޓެކްނޮލޮޖީއަށް ބިނާކޮށް އައު ހައްލުތަކެއް ހޯދުމަށް އަމާޒުކޮށްގެން ބޭއްވޭ މި މުބާރާތުގައި އުފެއްދުންތެރި ޚިޔާލުތައް ހުރި ފަރާތްތަކަށް ބައިވެރިވެ، އެ ފަރާތްތަކުގެ ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.
މި ހެކަތޯން ފައްޓަވައިދެއްވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ”މި ހެކަތޯނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް އުއްމީދުކުރެވޭ މުހިންމު މަސައްކަތެއް” ކަމަށެވެ. އަދި މި ކަހަލަ މުބާރާތްތަކުން ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރަށް ފާހަގަކުރެވި، އެ ފަރާތްތަކުގެ ޚިޔާލުތައް ތަންފީޒުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
އެމްއެމްޕީއާރުސީން މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި މުބާރާތުގައި ކާމިޔާބުކުރާ ފަރާތްތަކަށް ފައިސާގެ އިނާމުގެ އިތުރުން، އެ ފަރާތްތަކުގެ ހިޔާލުތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ޓެކްނޮލޮޖީތަކެއް ތަޢާރަފުވެ، ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ވިޒިޓް މޯލްޑިވްސް ހެކަތޯނުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްއެމްޕީއާރުސީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)