މާދަމާއަކީ 1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން މިރޭ ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
މިކަން ކަނޑައެޅުނީ އިސްލާމިކް މިނިސްޓްރީން ބޭއްވި ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތުގައި އިއްވެވި ބަޔާނަކުންނެވެ.
އިސްލާމިކް މިނިސްޓްރީން އިިއްވެވި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަމަޟާންމަހުގެ ހަނދު ދިވެހިރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ޤައުމުތަކަށް ފެނިފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ. މި ބަޔާނަކީ ފަލަކީ ކޮމެޓީގައި ހިމެނޭ ފަރާތްތަކުން ކުރެއްވި މަޝްވަރާތަކަށްފަހު އިއްވެވި ބަޔާނެކެވެ.
ދިވެހިރާއްޖޭގައި ރޯދަމަސް ފެށުމުގައި އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ރެއެއްގައި، ރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ޤައުމަކަށް ހަނދު ފެނިއްޖެނަމަ، ޖެހިގެން އަންނަ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައެޅެއެވެ.
މިގޮތުން، މާދަމާ ފެށިގެންދާ 1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ރޯދައަށް ދިވެހި މުސްލިމުން ނިޔަތްގަންނާނެއެވެ. އަދި މުޅި މަހު ތެރޭގައި އަޅުކަމުގެ ރޫހު އާލާކޮށް، ހެޔޮ އަމަލުތައް އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.