މާލޭގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ”އޮޅުހިޔާ“ ފެސިލިޓީއަށް މިއަދު ބުޅާތައް ގެންދަން ފަށައިފި އެވެ. މި ފެސިލިޓީއާ އެގްރިކަލްޗަރ މިނިސްޓްރީން ހަވާލުވިތާ 16 ގަޑިއިރު ނުވަނީސް މިހާތަނަށް 15 ބުޅާ ވަނީ އެތަނަށް ގެންގޮސްފައެވެ.
އޮޅުހިޔާ ފެސިލިޓީއަކީ އަސްލު ސިޓީ ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ތަނެއް ނަމަވެސް، ކައުންސިލުން އެ މަސައްކަތް ފެށުމުގެ ކުރިން އެގްރިކަލްޗަރ މިނިސްޓްރީން ވަނީ އެ ފެސިލިޓީ ސަރުކާރާ ހަވާލުކުރުމަށް އެދިފައެވެ.
އެގްރިކަލްޗަރ މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ފެސިލިޓީއާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރި މަސައްކަތަކީ އައު ކަރަންޓީނު ސަރަހައްދެއް ގާއިމުކުރުމެވެ. މިކަމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ވަނީ ގާއިމުކޮށް ނިމިފައެވެ.
މިނިސްޓްރީގެ ބަހުން، މި މަސައްކަތް މިހާ އަވަހަށް ކުރިއަށް ގެންދެވުނީ ”މިނިސްޓްރީގެ ޓާސްކް ފޯހުން ހުއްޓުމެއްނެތި ކުރި މަސައްކަތާއި، ހިތްވަރާއިއެކު އެއްބާރުލުން ދެއްވި އެންޖީއޯތަކުގެ މިންނެތް މަސައްކަތުގެ ސަބަބުން“ ކަމަށް ބުނެފައިވެއެވެ.
މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާ ދަނޑިވަޅެއްގައި މި ފެސިލިޓީ ހުޅުވި، ބުޅާތައް ގެންދަން ފެށުމަކީ ގިނަ ފަރާތްތަކުން މަރުހަބާ ކިޔާފައިވާ ކަމެކެވެ.