ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅާ އޮތް ސަރަހައްދު މިހާރަށް ވުރެ ފުޅާ ކުރުމަށްފަހު ތާރު އަޅައި، މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯދަ މަސް ނިމުމުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޒުއްދީން ފާލަން ތަރައްގީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، މި މަސައްކަތް ކުރިޔަށްދާނީ މަގު ފުޅާ ކުރުމަށް ޓަކައި ފަޅުން ބައެއް ޝީޓްޕައިލްކޮށްގެން، ހަތަރު ލޭނު އޮންނަ ގޮތަށެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
ބޮޑުތަކުރުފާނު މަގު ތާރު އެޅުމުގެ އިތުރުން މާލޭގެ މަގުތައް ތަރައްގީ ކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ވަނީ ތާރު އަޅައި، ތަރައްގީކޮށްފަ އެވެ. އެއީ މާފަންނު ދިވެހިރާއްޖޭގެ އަޑު ކައިރިން ފެށިގެން ގޮސް ހުޅުމާލޭ ފެރީ ޓާމިނަލް އާ ހަމައަށެވެ. މިހާރު މި ފަށަން އުޅޭ މަޝްރޫއަކީ އެ މަގުގެ ބާކީ އޮތް ބައި ތަރައްގީކޮށް ނިންމުމުގެ މަސައްކަތެވެ.