2025 ވަނަ އަހަރުގެ ތެރޭގައި މާލެ ސިޓީ ކައުންސިލަށް ލިބޭނެ ކަމަށް ލަފާކުރެވޭ ޢާމްދަނީގެ ޖުމުލައަކީ 503 މިލިއަން ރުފިޔާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަހަރުގެ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރ އާދަމް ޢާޒިމް ވިދާޅުވެފައިވަނީ މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ.
މޭޔަރ ހާމަކުރެއްވި ގޮތުގައި 2024 ވަނަ އަހަރު ކައުންސިލަށް ޢާމްދަނީގެ ގޮތުގައި ޖުމުލަ 399 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ބްލޮކް ގްރާންޓްގެ ގޮތުގައި 189 މިލިޔަން ރުފިޔާ، ވެހިކަލް ފީގެ ގޮތުގައި 121 މިލިޔަން ރުފިޔާ އަދި އެހެނިހެން ގޮތްގޮތުން ލިބުނު 89 މިލިޔަން ރުފިޔާ އެވެ.
2024 ވަނަ އަހަރު ކައުންސިލުން ޚަރަދުވެފައިވަނީ ޖުމްލަ 360 މިލިއަން ރުފިޔާއެވެ. ”ކައުންސިލްގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، 2024 ވަނަ އަހަރު ނިންމާލެވުނީ 39 މިލިޔަން ރުފިޔާގެ ފައިދާއާއެކު“ ކަމަށް މޭޔަރ ވިދާޅުވިއެވެ.
2025 ވަނަ އަހަރަށް ލަފާކުރެވޭ 503 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ބްލޮކް ގްރާންޓްގެ ގޮތުގައި 171 މިލިޔަން ރުފިޔާ، ވެހިކަލް ފީގެ ގޮތުގައި 140 މިލިޔަން ރުފިޔާ، ކުލީގެ ގޮތުގައި 40 މިލިޔަން ރުފިޔާ އަދި އެހެނިހެން ގޮތްގޮތުން 152 މިލިޔަން ރުފިޔާ އެވެ. ނަމަވެސް މިއަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ މިންވަރު ވަނީ މިދިޔަ އަހަރަށްވުރެ 18 މިލިޔަން ރުފިޔާ މަދުވެފަ އެވެ.
މޭޔަރ އާދަމް ޢާޒިމް ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރު ޚަރަދުކުރުމަށް ބަޖެޓް ކުރެވިފައިވަނީ ޖުމްލަ 487 މިލިއަން ރުފިޔާ އެވެ. އަދި ކައުންސިލްގެ އަމާޒަކީ ލިބޭ ޢާމްދަނީން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއެކު، ފައިދާ ގޮތުގައި ކައުންސިލްގެ މާލީ ޙާލަތު ދެމެހެއްޓުން ކަމުގައި ފާހަގަކުރެއްވި އެވެ.
އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް