ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓް ދޫކުރުމަށް ކުރީގެ ސަރުކާރުން އާންމުކުރި ލިސްޓް ރިވިއުކޮށް، އަލުން އެކުލަވާލި ލިސްޓުގައި ހިމެނިވަޑައިގަތް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު، އެ ފްލެޓް ދޫކޮށްލައްވަން ނިންމަވައިފި އެވެ.
މިނިސްޓަރ ހައިދަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ ސްކީމުން ފްލެޓް ލިބުމުގެ ހައްގު އޭނާ އާއި އަނބިކަނބަލުންނަށް ވުރެ ބޮޑަށް އެހެން އާއިލާތަކަކަށް ލިބިގެންވާ ކަމަށެވެ. ”ވީމާ މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ތާއަތާއި އިހުތިރާމާ އެކު ދެންނެވީމެވެ،” މިނިސްޓަރ ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅެފައިވުމަކީ އަސާސީ ޝަރުތެއް ކަމަށް ވެފައި، މިނިސްޓަރ ހައިދަރު އޮސްޓްރޭލިއާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާތީ، އޭނާގެ ނަން ލިސްޓުގައި ހިމެނުމާ މެދު ސޯޝަލް މީޑިއާގައި ސުވާލު އުފެދެމުން ދިޔަ އެވެ.
މިނިސްޓަރ ހައިދަރު އިތުރަށް ވިދާޅުވެފައިވަނީ، ފްލެޓް ލިސްޓުގައި އޭނާ ކޯއެޕްލިކަންޓަކަށް ހުންނަވައި، އަނބިކަނބަލުންނަށް ތިން ކޮޓަރީގެ ފްލެޓެއް ލިބޭނެ ކަމަށް އޮތީ ކަނޑައަޅާފައި ކަމަށެވެ. އަދި މިހާރު ހުންނެވި ހައިސިއްޔަތުގެ ގޮތުން، ފްލެޓް ލިބިވަޑައިގެންނެވުމަށް އުޒުރުވެރިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން އާންމުކުރި ލިސްޓާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގުކޮށް، ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ލިސްޓު ރިވިއު ކުރަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަން ފާހަގަކުރެވެ އެވެ. އިއްޔެގެ ލިސްޓު ނެރުނުއިރު ފްލެޓް ލިބޭކަމަށް އޮތީ 1820 މީހުންނަށެވެ.