އައިޖީއެމްއެޗް ކައިރީގައި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖެހި މާރާމާރީއަށް ފަހު ފިލައިގެން މެލޭޝިއާ ދިޔަތަނުން އަނބުރާ ރާއްޖެ ފޮނުވާލުމުން ހައްޔަރުކުރި ޏ. ފުވައްމުލައް، ދިގުވާނޑު، ބަނަފްސާގެ، ހުސައިން އަރީޝް (31އ) ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
އަރީޝް މާލެ އައިތަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައި ވަނީ، މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ފަހަރު އޭނާގެ ބަންދަށް 10 ދުވަސް ޖަހާފަ އެވެ.
ފުލުހުން ރޭ ބުނީ، އަރީޝްގެ ބަންދުގެ މުއްދަތު ހަމަވަމުން މި މަހުގެ 23 އިން ފެށިގެން އޭނާގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.
ބަންދުގެ މުުއްދަތު ޖަހަން ފުރަތަމަ ފަހަރު ކޯޓަށް ހާޒިރުކުރުމުން އަރީޝް ބުނީ ކުރިން ކުށުގެ ވެށީގައި އުޅުނު ނަމަވެސް މިހާރު އުޅެނީ ކުށުގެވެއްޓާ ދުރުގައި ކަމަށެވެ.
ފުލުހުން ބުނީ އަރީޝް މީގެ ކުރިން 26 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ކުށުގެ ރިކޯޑްތައް:
- މާރާމާރީގެ 15 ރެކޯޑެއް
- މަސްތުވާތަކެތީގެ މައްސަލައިގެ 6 ރެކޯޑެއް
- މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ 3 ރެކޯޑެއް
- ތޫނު ހަތިޔާރު ގެންގުޅުމުގެ 2 ރެކޯޑެއް
އެނގިފައިވާ ގޮތުން އަރީޝް އަކީ މާލޭ ގޭންގެއްގެ އިސްމީހެކެވެ.