ރަމަޟާން މަހަށް ސަރުކާރުން ގޭބިސީތަކަށް ހަދިޔާކުރާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ދޫކުރަމުން އަންނަ ގަޑިތަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބަދަލު ގެނެސްފި އެވެ.
މިގޮތުން މިއަދު (ފެބްރުއަރީ 28 ވާ ހުކުރު ދުވަހު) މަސްދަޅު ކޭސް ދޫކުރާނީ ރޭގަނޑު 9:30 އިން 11:30 އަށެވެ. އަދި މާދަމާ މާޗް 1 ވާ ހޮނިހިރު ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، މާޗް 2 އިން 10 އަށް މަސްދަޅު ކޭސް ދޫކުރާނީ ރޭގަނޑު 9:30 އިން 11:30 އަށެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް 13 ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި މިފްކޯ ކޮމްޕްލެކްސް، އެމްޓީސީސީ ސޯމިލް އަދި ހެންވޭރު ދަނޑުން ކޮންމެ ދުވަހަކު 200 ޓޯކަން ދޫކުރާނެއެވެ. އަދި ގަލޮޅު ދަނޑުގައި ހަތަރު ސެޓަޕެއް ޤާއިމްކޮށް، ކޮންމެ ސެޓަޕަކުން 50 ޓޯކަން ދޫކުރާނެއެވެ.
ހުޅުމާލެއިން މަސްދަޅު ކޭސް ދޫކުރުމަށް ފަސް ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އެއީ ވެމްކޯ ސައިޓް، އުމަރު ޒާހިރު ބިލްޑިންގ، ޕޮލްކޯ ޓަވަރ، ހިޔާ ޓަވަރު 10 އަދި ކާމިލްދީދީ ޕްރީސްކޫލެވެ. މި ކޮންމެ ސަރަހައްދަކުން 100 ޓޯކަން ދޫކުރާނެއެވެ. އަދި ވިލިމާލޭ ސޯޝަލް ސެންޓަރުން ވެސް 100 ޓޯކަން ދޫކުރާނެއެވެ.
ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މަސްދަޅު ކޭސް ބަލައިގަތުމަށް ދާއިރު ގޭބިސީގެ ކަރަންޓު މީޓަރު އެނގޭ ލިޔުމަކާއި އައިޑީކާޑު ގެންދިއުމަށް އެސްޓީއޯއިން ވަނީ އަންގާފައެވެ.