ސަރުކާރުން މިއަދު އިޢުލާންކުރި ފްލެޓް ލިސްޓު އެކުލަވާލުމުގައި އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވުނު ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ މިއަދު އިޢުލާންކުރި ލިސްޓަކީ ކުރީގެ ސަރުކާރުން އިޢުލާންކުރި ލިސްޓުގައި ހުރި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލުމަށްފަހު، ކުރީގެ ސަރުކާރުން ކަނޑައެޅި ޝަރުޠުތަކާއި ޕޮއިންޓް ދިނުމުގެ އުޞޫލަށް ބަލައިގެން އެކުލަވާލި ލިސްޓެއް ކަމަށެވެ. ”މިއީ އަޅުގަނޑަށް ގެދޮރުވެރިކަމުގެ މަޢުލޫމާތުތައް އެނގެން ފެށީއްސުރެ، ނުފޫޒެއް ނުފޯރުވާ، ގެދޮރު ލިބޭނޭ މީހުންގެ ލިސްޓެއް ނެރުނު ފުރަތަމަ ފަހަރު،“ ރައީސް މުޢިއްޒު ވިދާޅުވި އެވެ.
އަޅުގަނޑު ވަޢުދުވިން، އެ މީހަކަށް، އެ ރައްޔިތަކަށް ލިބިފައ އޮތް ގޯއްޗެއް، ފްލެޓެއް އަތުނުލާނެ ކަމަށް. އެ ވަޢުދުގެ މަތީގައި އެ ދުވަހުވެސް، މިއަދުވެސް އަދި މާދަންވެސް އަޅުގަނޑު ހުންނާނީ.
ހައުސިންގ މިނިސްޓްރީން މިއަދު އާންމުކުރި ލިސްޓުގައި ހިމެނެނީ 1،820 ފަރާތެއްގެ ނަމެވެ. މިއީ ޖުމުލަ 4،939 ފޯމު ޗެކުކުރުމަށްފަހު ޝަރުޠު ހަމަވެ ފްލެޓް ލިބޭނެކަމަށް ކަނޑައެޅިފައިވާ އަދަދަށް ޕޮއިންޓް ލިބުނު ފަރާތްތަކެވެ. ކުރީގެ ލިސްޓުން 2،695 ފަރާތެއް ޝަރުޠު ހަމަނުވާއިރު، ޕޮއިންޓަށް އައި ބަދަލާއެކު 424 ފަރާތެއް ވަނީ ލިސްޓުން އުނިވެފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ލިސްޓުން ބަޔަކު އުނިވެފައިވާނަމަ، އެ އުނިވި ސަބަބުތައްވެސް އެނގޭނެ ކަމަށެވެ. އަދި ގަސްދުގައި އެއްވެސް މީހަކު ލިސްޓުން އުނިކޮށްފައި ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެއް މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެކި ސަބަބުތަކާހުރެ ލިސްޓަށް ނޭރުނު ރައްޔިތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ އުޞޫލުން ޝަކުވާ ހުށަހެޅުމަށް ރައީސް މުޢިއްޒު އިލްތިމާސްކުރެއްވި އެވެ.
ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބެލުމަށްފަހު، ޙައްޤުވެރިންނަށް ފްލެޓް އެކަށައެޅުމަށްފަހު، ބާކީ ފްލެޓް ހުރިނަމަ، މި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
މި ލިސްޓުގައި ނުހިމެނުނު ނަމަވެސް، މާލޭ ސަރަޙައްދުގައި ހިންގާ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިވެގެންދާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވި އެވެ.
”މި ސަރުކާރަކީ، ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދިނުމުގައި އިންތިހާއަށް ޝައުގުވެރިކަންހުރި، ހަމަހަމަކަމާއި ލޯތްބާއި ޢަދުލުވެރިކަމާއެކު ޚިދުމަތްކުރަން އައި ސަރުކާރެއް،“ ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ރައީސް މުޢިއްޒު ވައުދުވެވަޑައިގެންނެވި ފަދައިން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އިއްޔެ ވަނީ އާންމުކޮށްފައި ކަމަށެވެ. މިއީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަމަށާއި، މި ލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ލިސްޓަކީ ކުރީގެ ސަރުކާރުން އިޢުލާންކުރި ލިސްޓުގައި ހުރި މައްސަލަތައް އިޞްލާޙުކޮށް، އިންސާފުވެރިކަމާއެކު އެކުލަވާލެވިފައިވާ ލިސްޓެއްކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް، މި ލިސްޓާ ގުޅޭގޮތުން ޝަކުވާ އުފެދިފައިވާ ފަރާތްތަކަށް އެއް މަސްދުވަހުގެ މުއްދަތެއް ޝަކުވާ ހުށަހެޅުމަށް ދީފައިވާކަން ފާހަގަކުރެވެ އެވެ.
ގެދޮރުވެރިކަމުގެ މައްސަލައަކީ މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، މި ލިސްޓް އާންމުކުރުމާއެކު ގިނަ ރައްޔިތުންތަކެއްގެ އުންމީދުތައް އާވެގެންދާނެކަމަށް ބެލެވެއެވެ. ނަމަވެސް، ލިސްޓުން އުނިވެފައިވާ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮތުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލައާ ގުޅޭގޮތުން އިތުރު ބަހުސްތަކެއް ކުރިއަށްދާނެކަމަށް ލަފާކުރެވެއެވެ.