ކުރިއަށް އޮތް ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މީގެ ތެރޭގައި މާލޭގެ 16 މިސްކިތަކާއި، ހުޅުމާލޭގެ 7 މިސްކިތަކާއި، ވިލިމާލޭގެ 1 މިސްކިތް ހިމެނެ އެވެ.
މިއަހަރުގެ ރަމަޟާން މަހު ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މާލޭގެ ގިނަ މިސްކިތްތަކެއްގައި ޒުވާން ޙާފިޡުންނަށް ތަރާވީޙް ނަމާދު ކުރުމުގެ ފުރުސަތު ދެވިފައިވުމެވެ. މިގޮތުން ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތުގައިވެސް ޒުވާން އިމާމުންނަށް ފުރުސަތު ދީފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީ ލީޑަރުން އުފެއްދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
އިސްލާމީ މަރުކަޒުގެ އިމާމުން
މާލޭގެ އެންމެ ބޮޑު މިސްކިތްކަމަށްވާ އިސްލާމީ މަރުކަޒުގައި ތަރާވީޙް ނަމާދު ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފް، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދު އަދި އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފް އެވެ. އަދި ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠީފް އެވެ.
ސަލްމާނު މިސްކިތުގެ އިމާމުން
ސަލްމާނު މިސްކިތުގައި ރަމަޟާން މަހު ތަރާވީޙް ނަމާދާއި ދަމު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިން، އަލްޙާފިޒް މުޙައްމަދު މިޝްއަލް އާޡިމް އަދި އަލްޙާފިޒް އަބްދުﷲ އަޙްސަން ސަޢީދު އެވެ.