ގއ. ގެމަނަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގެމަނަފުށީގެ އައު އައިސް ޕުލާންޓު ވަޒީރު އަޙްމަދު ޝިޔާމް ހުޅުއްވައިދެއްވައިފި އެވެ.
އައިސް ޕުލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ފިޝަރިޒް މިނިސްޓަރ އަޙްމަދު ޝިޔާމު އާއި އިންޑިޔަން ހައި ކޮމިޝަނަރ ހޮނަރަބަލް ޖީ. ބާލަސުބްރަމަނިއަމްއާއި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުއިބިމޯވްއާއި ފޮރިން މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އަދި ގެމަނަފުށީ ކައުންސިލްގެ މެންބަރުންނާއި ގެމަނަފުށީ މުވައްސަސާތަކުގެ އިސްވެރިންނާއި މިފްކޯގެ ސީނިއަރ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރި މޫސުމުގައި މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަކީ އަދިވެސް މަސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިތުރު 13 އައިސް ޕުލާންޓެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ވީހާވެސް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މިއަދު ހުޅުވުނު އައިސް ޕުލާންޓުން ދެކުނުގައި މަސްވެރިކަން ކުރާ މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް ލުއި ލިބިގެން ދާނެކަމަށާއި އައިސް ހޯދަން އެކި ރަށްރަށަށް ދުއްވަންޖެހުން މަދުވެގެން ދިއުމާއި ތެލަށްކުރާ ހޭދަ މަދުވެގެން ދާނެކަމަށެވެ. އެއާއެކު މަސްވެރިންގެ އާމްދަނީ ރަގަޅުވެގެން ދާނެކަމަށެވެ.
ގެމަނަފުށީ އަލަށް ގާއިމުކުރި މި ޕުލާންޓު އަޅާފައިވަނީ އިންޑިއަން އެކްސިމް ބޭންކް ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ދަށުންނެވެ. މިއީ ދުވާލަކު 50 ޓަނު ބްލޮކް އައިސް އުފެއްދޭ ޕްލާންޓެކެވެ. އަދި މި ޕުލާންޓުގައި 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ހުރެ އެވެ. އެހެންކަމުން މި ޕުލާންޓުގައި ކޮންމެ 24 ގަޑިއިރަކުން 150 ޓަނުގެ އައިސް މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުންނާނެ އެވެ.
މަސްވެރިކަން މިނިސްޓަރު އަހްމަދު ޝިޔާމް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެމަނަފުށި