ރާއްޖޭގެ މަޝްހޫރު ވޯޓަރ ސްޕޯޓްސް އިކުއިޕްމެންޓު ވިއްކާ ކުންފުނި، އަކުއާ ކިއުބުން ރާއްޖޭގައި އެކުންފުނީގެ ޑުއަޓޯން ވިންޑް ސާފިންގް އަދި ނޯތް ސޭލް ވިންގް ސަރފިންގެ، ތަމްސީލުކުރާ އެމްބަސަޑާރ އަކަށް އަބްދުލް ގަފޫރު (ގައްބެ) ހަމަޖައްސައިފި އެވެ.
އިއްޔެ ބޭއްވުނު ޚާއްސަ އިވެންޓެއްގައި މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ”ޖަވިޔަނި“ އަށް ދެއްވި އިންޓަވިއުއެއްގައި ގައްބެ ވިދާޅުވީ، ވިންޑް ސަރފިންގްގައި އޭނާއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ރާއްޖޭގެ ފްރީސްޓައިލް ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދުމާއި ސްލާލަމް ވަނަތައް ހާސިލުކުރުން ކަމުގަ އެވެ.
ވިންޑް ސާރފިންގް ކުރިއެރުވުމަށް ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ގައްބެ ފާހަގަކުރެއްވި އެވެ. ނަމަވެސް މިވަގުތު ނެޝަނަލް ޓޯނަމަންޓްތައް ނުބޭއްވޭތީ، ވިންޑް ސާރފިންގް ވަނީ ކޮންމެވެސް ވަރަކަށް އަޑިއަށް ގޮސްފައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ނޯތް ސޭލް އަކީ މިހާރު ދުނިޔޭގެ އެންމެ ޓެކްނޮލޮޖިކަލީ އެޑްވާންސް ބްރޭންޑެއް ކަމަށާއި، ޑުއަޓޯންގެ ވިންޑް ސާރފިންގް ބޯޑަކީ ދުނިޔޭގެ ނަންބަރު އެކެއް ބޯޑު ކަމުގައި ގައްބެ މަޢުލޫމާތު ދެއްވި އެވެ. މި ދެ ބްރޭންޑްގެ އެމްބަސެޑަރކަން ލިބުމާ ގުޅިގެން ގައްބެ ވަނީ ވަރަށް ބޮޑު އުފަލެއް ފާޅުކުރައްވާފަ އެވެ.