މާލޭގެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް ނިންމާ، ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ 11.7 މިލިއަން ރުފިޔާގެ އަގުގައި އެމްޓީސީސީންނެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ އޮގަސްޓް 14 ވަނަ ދުވަހު އެވެ. މަޝްރޫއުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 270 ދުވަހެވެ. މި މަޝްރޫއުގެ ދަށުން ކުރީގެ ފާލަން ރޫޅާލުމަށްފަހު، އައު ފާލަމުގެ ކޮންކްރީޓް މަސައްކަތާއި ސްޓީލް ސްޓްރަކްޗަރ ފަރުމާކުރުމުގެ އިތުރުން ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތްތައް ވަނީ ފުރިހަމަކޮށްފަ އެވެ.
ރަސްމީ ފާލަމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2015 ވަނަ އަހަރުގެ ޖުލައި މަހު އައު ޑިޒައިނަކަށް މަރާމާތުކޮށް ހުޅުވި ފާލަމެކެވެ. އޭރުވެސް މި މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ.
އެންމެ ފަހުން ފާލަން މަރާމާތުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މަރާމާތުނުކޮށް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން، މިހާރުގެ ސަރުކާރުގެ ވެރިކަން ފެށުނުއިރު ފާލަން ހުރީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
މިހާރު އަލުން ތަރައްގީކޮށް ނިމިފައިވާ ފާލަމުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ހުދުކުލައާއި ރަންކުލައެވެ. މި ކުލަތަކާއެކު ފާލަމުގެ ޑިޒައިން ވަނީ ވަރަށް ހިތްގައިމު މަންޒަރަކަށް ބަދަލުވެފައެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)