ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ކުއްޔަށް 2،000 ރުފިޔާ އިތުރުކޮށްފި އެވެ.
މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކަނޑައަޅާފައިވާ ކުއްޔަކީ 5،000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަށް 7،000 ރުފިޔާއެވެ. ނަމަވެސް މިހާރު ސަރުކާރުން ނިންމާފައިވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓަށް 7،000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަށް 9،000 ރުފިޔާ ނެގުމަށެވެ.
”ކުރީގެ ސަރުކާރުން ކަނޑައެޅި އަދަދުތަކަކީ ދައުލަތުން ލޯނު ދައްކަން ޖެހޭ ފައިސާއަށް ބަލައި، އެސެސްމެންޓް ހަދައިފައި ކަނޑައަޅާފައިވާ އަދަދުތަކެއް ނޫން،“ މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކުން ނަގަން ކަނޑައަޅާފައިވާ އަދަދަށް ވެސް ބަލާފައި ނުވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫޢުގެ ދަށުން ހަދަން ފަށައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މީހުން ދިރިއުޅެން ފެށި ހިޔާ ފްލެޓްތަކުގެ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުއްޔަކީ 7،000 ރުފިޔާއެވެ.
މި ބަދަލާ ގުޅިގެން ގެދޮރުވެރިކަމުގެ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އިތުރު 2،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.
ރައީސް އޮފީސް ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ގެދޮރުވެރިޔާ ސްކީމް