ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓަށް އެދި ފޯމު ހުށަހެޅި ބައެއް ފަރާތްތަކުން މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ކުރަން ވަގު ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ފްލެޓް ލިސްޓާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓުކަމަށް ބުނެ މިދިޔަ ސަރުކާރުން އާންމު ކުރި ލިސްޓުގައި އެންމެ ބޮޑު މައްސަލައަކަށް ފާހަގަ ކުރެވުނީ މާލޭގައި 15 އަހަރު ވަންދެން ދިރިއުޅުނުކަން ސާބިތު ކުރަން ހުށަހެޅި ލިޔުންތަކުގައި ކަމަށެވެ. އެގޮތުން މާލޭގައި 15 އަހަރު ވަންދެން ދިރިއުޅުނުކަން ސާބިތު ކުރުމަށް ހުށަހެޅި ލިޔެކިޔުންތަކުގައި މައްސަލަ އުޅޭތީ 37 އިންސައްތަ މީހުން ޝަރުތު ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަރުތުހަމަނުވާ މައިގަނޑު ސަބަބުތަކަށް ބަލާކަމުގައި ވާނަމަ އެންމެ ބޮޑު ސަބަބަކީ، މާލޭގައި 15 އަހަރު އުޅުނުކަމަށް ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކުގައި ހުރި މައްސަލަ.
މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން އާންމު ކުރި ލިސްޓުގައި ތިބި މީހުންގެ ތެރެއިން 8 އިންސައްތަ މީހުން މާލޭގައި 15 ދިރިއުޅުކަން ކަށަވަރު ކުރުމަށް އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަމަށެވެ. އަދި ރަށްރަށުގައި ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ ބައެއް ފަރާތްތަކުން މާލޭގެ ކުންފުންޏެއްގައި 15 އަހަރު މަސައްކަތް ކުރި ކަމުގެ ލިޔުން ހުށަހަޅާފައިވާ ކަމަށާއި އެކަން ޕެންޝަން އޮފީހުގެ ޑޭޓާތަކުން އެނގޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިސާލަކަށް ދަންނަވާކަމަށްވަންޏާ ކުންފުނި ރަޖިސްޓްރީ ކުރި ތާރީހަށް ވުރެ ކުރީ ތާރީހެއްގައި ކުންފުނީގައި މަސައްކަތް ކުރަން ފަށާފައިވާކަމަށް ބަޔާންކޮށް ލިޔުން ދީފަ އެބަ ހުރި. އެކަހަލަ ލިޔުންތައް އަޅުގަނޑުމެން ބަލައި ނުގަންނަން. 2017 ގައި އުފައްދާފައިވާ ކުންފުންޏަކުން 2007 އިން ފެށިގެން އެކުންފުނީގައި މަސައްކަތް ކުރަމުންދާކަމުގެ ލިޔުން ދީފައި އެބަ ހުރި. އިއްތިފާގަކުން މި ފަރާތަކީ ފްލެޓް ކަންކަން ބެލެހެއްޓި ކޮމިޓީގެ ސެކެޓްރިއޭޓް ބެލެހެއްޓި އެއް ފަރާތް.
މީގެ އިތުރުން ބޮޑު ކަންނެލި މަސްވެރިކަން ކުރާ ކެޔޮޅަކަށް މާލޭގައި ދާއިމީ ވަޒީފާއެއްގައި އުޅޭކަމުގެ ލިޔުން ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏަކުން ދީފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް