ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުކަމަށް ބުނެ ނިމިދިޔަ ސަރުކާރުން އާންމު ކުރި ލިސްޓުން ޝަރުތު ހަމަވެ ފްލެޓް ލިބޭކަމަށް ކަށަވަރު ކުރެވުނީ 1،820 މީހުންނަށްކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ފްލެޓް ލިސްޓާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބަލާފައިވާނީ ފްލެޓް ލިބޭކަމަށް ބުނެ އާންމު ކުރި ލިސްޓުގައި ތިބި މީހުންގެ ފޯމުތަކުގެ ސައްހަކަންކަމަށެވެ. އެގޮތުން ޖުމުލަ ޗެކު ކުރި 4،939 ފޯމުގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބޭނެކަމަށް ކަނޑައެޅިފައިވާ އަދަދަށް ޕޮއިންޓް ލިބިފައިވަނީ 1،820 ފަރާތަކަށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިން އާންމު ކުރި ލިސްޓުން 2،695 ފަރާތެއް ޝަރުތު ހަމަނުވާއިރު ޕޮއިންޓަށް އައި ބަދަލާއެކު 424 ފަރާތެއް ވަނީ ލިސްޓުން އުނިވެފަ އެވެ.
ކުރީ ސަރުކާރުން ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް އާންމު ކުރި ފްލެޓް ލިސްޓުން ޝަރުތު ހަމަވަނީ 45 އިންސައްތަ ފަރާތެކެވެ. ބާކީ 55 އިންސައްތަ ފަރާތެއް ވަނީ ޝަރުތު ހަމަނުވާތީ ލިސްޓުން އުނިކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ޝަރުތު ހަމަނުވާ އެންމެ މައިގަނޑު ސަބަބަކީ މާލޭގައި 15 އަހަރު އުޅުނުކަމަށް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކުގައި އުޅޭ މައްސަލަތަކާ ހެދި ކަމަށެވެ.
ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް