ރާއްޖޭގެ ސްކޫލުތަކުގެ އަހަރީ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެ އެވެ. މިގޮތުން ރާއްޖޭގެ 216 ސްކޫލެއްގައި ކިޔަވާ ދަރިވަރުންނަށް މިއަދު ރިޕޯޓު ފޮތް ދިނުމަށްފަހު ޗުއްޓީއަށް ދޫކޮށްލާފައިވެ އެވެ.
މި އަހަރު ރާއްޖޭގެ ސްކޫލުތަކުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ޖުމްލަ 96،000 ދަރިވަރުން ތަޢުލީމު ހާސިލުކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 42،700 ފިރިހެން ދަރިވަރުންނާއި 40،300 އަންހެން ދަރިވަރުންނެވެ.
ސަރުކާރުގެ ސްކޫލުތަކުގައި މި އަހަރު ޖުމްލަ 12،662 ޓީޗަރުން މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުން ހިމެނެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ބޮޑު ޗުއްޓީއަށް މަހަކަށްވުރެ ގިނަ ދުވަސް ލިބޭނެ އެވެ. އަދި ދެން އަލުން ކިޔެވުން ފެށޭނީ އޭޕްރީލް 7 ވަނަ ދުވަހު އެވެ. އެހެންކަމުން ކުރިއަށް އޮތް ރޯދަމަހުގައި ސްކޫލުތައް ބަންދުވެފައި ހުންނާނެ އެވެ.
ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފެށުމާއެކު، ގިނަ އަދަދެއްގެ ދަރިވަރުންނާއި އެ ކުދިންގެ ޢާއިލާތައް މިހާރު އަންނަނީ ރަށްރަށަށް ދިއުމަށް ތައްޔާރުވަމުންނެވެ.