މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށް މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ފޭސް 2 ގައި ތަރައްގީކުރި އޮޅުހިޔާ ފެސިލިޓީ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އާ ހަވާލުކޮށްފި އެވެ.
މަގުމަތީގައި އުޅޭ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކުރި މި ފެސިލިޓީ ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ހުޅުވާފަ އެވެ. ސިޓީ ކައުންސިލުން ރޭވި ގޮތުގައި ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.
ނަމަވެސް އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ އަމަލުކުރާނެ އެސްއޯޕީތަކަށް ރިއާޔަތްނުކޮށް ބުޅާތައް ގެންދިއުމުން ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާތީ، ކަންކަން ފުރިހަމަ ކުރުމަށްފަހު ނޫނީ ބުޅާތައް ނުގެންދިއުމަށް އަންގާފަ އެވެ.
އޮޅުހިޔާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލުގެ ޖަލްސާގަ އެވެ. މިނިސްޓްރީން މައުލޫމާތު ދެމުން ބުނެފައިވަނީ ފެސިލިޓީގެ ރަސްމީ ހުރިހާ ލިޔެކިޔުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފާގެ މަސައްކަތް ނިންމުމަށްފަހު، މާލެ ސިޓީ ކައުންސިލުން ރަސްމީކޮށް ފެސިލިޓީ މިނިސްޓްރީއާ އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި، ފެސިލިޓީ ފަށައިގަތުމަށް ބޭނުންވާ ކަންކަން އަދި ފުރިހަމަވެފައި ނެތުމުން، އެ ކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް ހިދުމަތްދޭން ފެށުމަށްޓަކައި ވަނީ ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާފަ އެވެ.
މާލެ ސިޓީ ކައުންސިލް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ