ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓުން ބުނީ ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަސަރު އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، އާންމު ވައިވެސް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް އެ އިދާރާއިން ވަނީ އަންގާފަ އެވެ.
މޫސުމުގެ ހާލަތާ ގުޅޭގޮތުން މެޓުން ދީފައިވާ އިތުރު މައުލޫމާތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށް ވެއެވެ.