ތ. މަޑިފުށީގައި އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތުކުރި އުމުރުން ދުވަސްވީ މީހަކު މަރުވުމާއި ގުޅިގެން، ރަށުތެރެ ހަލަބޮލިވެ ރައްޔިތުން މުޒާހަރާކުރަން ފަށައިފި އެވެ.
ފުލުހުން މީޑިއާތަކަށް އިއްޔެ ފޮނުވި މައުލޫމާތުގައިވާގޮތުން ތ. މަޑިފުށީގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވެ އެވެ. މި މައްސަލާގައި ތުހހުމަތުކުރެވޭ މީހާ މިހާރު ވަނީ ނިޔާވެފައިކަމަށާއި، އެއީ 63 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ މަރުވެފައިވަނީ އަމިއްލައަށެވެ. އަދި ރޭޕްކުރިކަމަށް ބުނާ އަންހެންމީހާ އަކީ 40 އަހަރުގެ އަންހެނެއް ކަމަށް އެނގިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ރަށުގެ ގިނަ ބަޔަކު މިވަގުތު މުޒާހަރާކުރަމުން ދަނީ އަންހެން މީހާ ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ އެވެ. މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ އަންހެން މީހާއަކީ ހަށިވިއްކާ އަންހެނެކެވެ.
ނަމަވެސް އެނގިފައިވާގޮތުގައި އެ އަންހެންމީހާ ވަނީ ޖިންސީ ގޯނާ ލިބުމާއި ގުޅިގެން ޑޮކްޓަރަށް ދައްކާ، ފަރުވާވެސް ހޯދާފަ އެވެ.
މި މައްސަލައިގައި ހަމަނުޖެހުން އިތުރުވިޔަ ނުދިނުމަށް ފުލުހުން ވަނީ އެ ސަރަހައްދުގައި ފޯރިމަރަން ފަށާފައެވެ. އަދި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.