ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީން ބަލަމުން ގެންދަނީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްލިރާލްދާ ޒާހިރުގެ ސުލޫކީ މައްސަލަ އެކެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ބަލަމުންދާ ސުލޫކީ މައްސަލައަކީ، ހައިކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް 2022 ވަނަ އަހަރު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަދެއްކި ކަމަށްބުނެ ބަލަމުންދާ މައްސަލަ އެކެވެ.
ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރާލްދާގެ ބަލަމުންދަނީ، އަޒްމިރާލްދާގެ ފިރިކަލުން ޑޮކްޓަރު އިސްމާއިލް ލަތީފު މިދިޔަ ޑިސެމްބަރު މަހު މަސާޖުޕާލާއަކުން ހައްޔަރު ކުރި މައްސަލައިގައި ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ. އަޒްމިރާލްދާގެ ފިރިމީހާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން ވަނީ މައްސަލަ ފައިލް ކޮށްފަ އެވެ.
މި 3 ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލާއިރު އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އެ މީހުންގެ މައްޗަށް އޭސީސީން ތަހުގީގުކުރާ ޖިނާއީ މައްސަލައަކާ ގުޅިގެންނެވެ. އެއީ ކޮން މައްސަލައެއްކަން އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑް ކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 ކުން 5 އަށް މަދު ކުރުމަށް މަޖިލީހުން ފާސްކުރިތާ ކުދަ ވަގުތުކޮޅެއް ފަހުންނެވެ. އަދި މިގޮތަށް ފާސްކޮށް، ފަނޑިޔާރުން ސަސްޕެންޑް ކުރިއިރު މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއް އެ ކޯޓުން އައީ ބަލަމުންނެވެ. 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމުން ދުސްތޫރީ މައްސަލަވެސް ވަނީ ހުއްޓިފަ އެވެ.