ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންނެވި ފަދައިން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ހައުސިން މިނިސްޓްރީން އާންމުކޮށްފައިވަނީ ސަރުކާރުގެ ގެޒެޓުގަ އެވެ. މިއަދު އާންމު ކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ސަރުކާރުން މިއަދު އާންމު ކުރި ލިސްޓުގައި ހިމެނެނީ 1،820 ފަރާތެއްގެ ނަމެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ޝަރުތު ހަމަވެ ފްލެޓް ލިބޭކަމަށް ކަށަވަރު ކުރެވުނީ 1،820 މީހުންނަށްކަމަށެވެ. އެގޮތުން ޖުމުލަ ޗެކު ކުރި 4،939 ފޯމުގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބޭނެކަމަށް ކަނޑައެޅިފައިވާ އަދަދަށް ޕޮއިންޓް ލިބިފައިވަނީ 1،820 ފަރާތަކަށްކަމަށާއި ކުރިން އާންމު ކުރި ލިސްޓުން 2،695 ފަރާތެއް ޝަރުތު ހަމަނުވާއިރު ޕޮއިންޓަށް އައި ބަދަލާއެކު 424 ފަރާތެއް ވަނީ ލިސްޓުން އުނިވެފައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓު ފެބްރުއަރީ މަހުގެ ތެރޭގައި އާންމު ކުރާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. އެއަށްފަހު މި ހަފްތާ ކުރީކޮޅު ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓު މި ހަފްތާ ތެރޭގައި އިއުލާން ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
ކުރީގެ ސަރުކާރުގެ ދައުރު ނިމުމާ ކައިރިވެފައިވަނިކޮށް ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފައިވާއިރު، އެ ލިސްޓާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން ހުއްޓުވާފަ އެވެ. އޭސީސީން ތަޙުޤީޤު ކުރުމަށްފަހު ބުނެފައިވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލުމުން 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. މީގެތެރެއިން 13،000 އެއްހާ މީހުންގެ ޝަރުޠުހަމަވާ ކަމަށް އޭރު ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މަޝްރޫއަކީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ. މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ޔުނިޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.
މިނިސްޓަރު ވިދާޅުވީ ޝަރުތު ހަމަނުވާ އެންމެ މައިގަނޑު ސަބަބަކީ މާލޭގައި 15 އަހަރު އުޅުނުކަމަށް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކުގައި އުޅޭ މައްސަލަތަކާ ހެދި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން ފަހި ދިރިއުޅުން ކޯޕަރޭޝަން