އާރުޓީއެލް ފެރީ ނިޒާމުގެ ދަށުން ޚިދުމަތް ދިނުމަށް ހަދާފައިވާ ފެރީ ސްޕޮޓްތަކާއި ޓާމިނަލްތައް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާ މިއަދު ހަވާލުކޮށްފި އެވެ.
މި ތަންތަން ހަވާލުކުރުމަށް ވިލާ ކޮލެޖުގެ ހޯލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ ފާތިމަތު ޝަހާން މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ޖެނެރަލް މެނޭޖަރު އަލީ ފާތިހު އަދި ސިޓީސް މިނިސްޓްރީގެ ފަރާތުން ޕަރމަނަންޓް ސެކްރެޓަރީ ޑރ. ފާތިމަތު މުނާ ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކޮށްފައިވަނީ ޒޯން 1 ގެ ގޮތުގައި ކަނޑައަޅާފައިވާ ތިލަދުންމަތީ އުތުރުބުރި (ހއ)، ތިލަދުންމަތީ ދެކުނުބުރި (ހދ) އަދި މިލަދުންމަޑުލު އުތުރުބުރި (ށ) އަތޮޅުގައި ޤާއިމުކޮށްފައިވާ 21 ފެރީ ސްޕޮޓާއި ޓާމިނަލެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި މި ތަންތަނާ ގުޅޭ އެންމެހައި އިޖުރާއަތުތައް ފުރިހަމަކޮށް، ކައުންސިލްތަކާ ހަވާލުކުރެވޭނެ އެވެ.
އާރުޓީއެލް ފެރީ ނިޒާމަކީ ރާއްޖޭގެ 9 އަތޮޅެއްގެ މީހުން ދިރިއުޅޭ 81 ރަށަކަށާއި، އެއަރޕޯޓް ހަދާފައިވާ 3 ރަށަކަށް ޚިދުމަތް ފޯރުކޮށްދޭ ދަތުރުފަތުރުގެ ވިއުގައެކެވެ. މި ހަވާލުކުރެވުނު ތަންތަނަކީ މި ނިޒާމުގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ އަސާސީ ވަސީލަތްތަކެވެ.
އާރުޓީއެލް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް