ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާހު ޤާނޫނުއަސާސީއާ ދުސްތޫރީ ހަމަތަކާ ޚިލާފު ކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބުނެފި އެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާހާމެދު ޤާނޫނީ ދުސްތޫރީ ބޮޑެތި ކަންބޮޑުވުންތަކެއް ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީއާއި ޖުމުލަކޮށް މުޅި ޤާނޫނީ ފަންނުގެ މެންބަރުންގެވެސް ހުރިކަމަށެވެ. އެހެންކަމުން އެކަންބޮޑުވުންތައް، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ބަންޑާރަނައިބާއި ޖުޑިޝަލް ސާވިސް ކޮމިޝަން އަދި ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިޚާބު ކޮށްފައިވާ މެންބަރާ ބާ ކައުންސިލުން ހިއްސާކޮށްފައިވާނެ ކަމަށެވެ.
ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަނުކުރުމުގެ އިޖުރާއަތު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އަދި ފަނޑިޔާރުން މަގާމުން ވަކިކުރެވޭނެ ގޮތްވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަ ކޮށްފައިވެ އެވެ. އަދި މާޒީގައި ކަންހިނގާފައިވާ ގޮތާ އެއްގޮތަށް ކަންކަން އިއާދަވުމަކީ ބާ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމުގައިވެސް ބަޔާންކޮށްފައިވެ އެވެ.
ބާކައުންސިލުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ޤާނޫނުއަސާސީގެ 148، 149 އަދި 154 ވަނަ މާއްދާއާ ހިލާފު އަދި ޤާނޫނީ އަދި ދުސްތޫރީ ހަމަތަކާ ހިލާފު އިސްލާހުތަކެއްކަމުގައި ދެކޭ ކަމަށެވެ.
”އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިނގުމާ ހަވާލުވެހުރި މީހަކުވިޔަސް ފަނޑިޔާރެއްގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެކަމަށް ބަޔާންކޮށް ދެންނެވުނު ބީދައިން އެ މިނިވަންކަން ރައްކާތެރިކޮށް ނެގެހެއްޓުމަށްޓަކައި، ޤާނޫނާ ގަވާއިދުތަކުގެ ޛަރީއާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެކަމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހަކީ، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އަދި (ރ) އާ ޚިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭ ޣައިރު ދުސްތޫރީ އިސްލާހެއް ކަމުގައި މި ކައުންސިލުން ދެކެމެވެ.“ ބާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން ފަނޑިޔާރުން ވަކިކުރުމުގެ އިޖުރާއަތުތަކެއް ބަޔާންކޮށްފައިވާއިރު މިހާރު ސުޕްރީމް ކޯޓުގައި ތިބި 7 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު މަގާމަށް ގާބިލު ނޫން ކަމަށް ކަނޑައަޅައި 5 ދުވަހުގެ ތެރޭގައި މަޖިލީހަށް އެންގުމަށް އިސްލާހުގައި ބަޔާންކޮށްފައިވާއިރު އެއީ ޤާނޫނުއަސާސީ އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ފާސްކޮށްފައިވާ އިސްލާހުތަކެއް ކަމަށް ބާ ކައުންސިލުން ބުނެފައިވެ އެވެ.
ބާ ކައުންސިލުން ވަނީ މަޖިލީހުން ފާސްކޮށްފައިވާ އިސްލާޙު ތަސްދީގު ކުރުމުގެ ބަދަލުގައި، އަލުން ވިސްނަވައި ބިލު އިސްލާހު ކުރުމަށް މަޖިލީހަށް އަނބުރާ ފޮނުވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ބާ ކައުންސިލުން ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.