ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމުގެ ވަގުތީ އަމުރަކަށްއެދިފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑް ކޮށްފި އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނި ގޮތުގައިމި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގައި، އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ކުރިއަށްދާކަމަށް އަންގާފައިވުމާ ގުޅިގެންނެވެ. މިއީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން އެ ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ނިންމި ނިންމުމެއް ކަމަށް ކޮމިޝަނުން ބުނެ އެވެ.
ނަމަވެސް އޭސީސީން ތަހުޤީޤްކުރަނީ މި ތިން ފަނޑިޔާރުންނާ ގުޅޭ ކޮން މައްސަލައެއް ކަމެއް، ޖޭއެސްސީންވެސް އަދި އޭސީސީންވެސް ހާމައެއް ނުކުރެ އެވެ.
ޖޭއެސްސީގެ ޤާނޫނުގައިވާ ގޮތުން، ފަނޑިޔާރަކާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ފެށިކަން އެ ކޮމިޝަނަށް އެންގުމުން، 48 ގަޑިއިރުގެ ތެރޭގައި އެ ފަނޑިޔާރަކު މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ގޮތެއް ނިންމަންޖެހެ އެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 4 ވަނަ ޖަލްސާގަ އެވެ.
ޖޭއެސްސީން މި ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައމިވަނީ، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެެއިން އެދިފައިވާ ވަގުތީ އަމުރާމެދު ގޮތެއް ނިންމުމަށް އަޑުއެހުން މިއަދު 11:00 އަށް ތާވަލުކޮށްފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށްވެސް ފާސްކޮށްފަ އެވެ. އެގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ، ވަރަށް އަވަސް ގޮތެއްގައި ފަނޑިޔާރުންގެ ޤާނޫނަށް ހުށަހެޅި ކުއްލި އިސްލާހަކާ އެކު އެވެ. އަދި ޤާނޫނަށް ގެނައި އިސްލާހު އަވަހަށް ފާސްކުރުމަށް ވޯޓަށް އަހާފައިވަނީ، މަޖިލީހުގެ ވޯޓިން ސިސްޓަމްއަށް މައްސަލަ ދިމާވެފައިވަނިކޮށް، ރޯލްކޯލް (އަތް އުފުލައިގެން) ވޯޓަށް އަހަ އެވެ.
ޤާނޫނަށް ގެނައި އިސްލާހާއެކު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލައެއް ނެތް ނަމަވެސް، ޖޭއެސްސީ މެދުވެރިކޮށް ދެ ފަނޑިޔާރެއް މަޤާމުން ވަކިކުރެވެ އެވެ.