ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ކުޑަ ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތްގޮތަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވަނިކޮށް، އެ އިސްލާހު އޮތްގޮތުން ސުވާލުތަކެއް އުފައްދަވާ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ޖުޑިޝަރީ ކޮމިޓީއަށް ލަފާ ދެއްވައިފި އެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ. މިބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްޔެ އިއްވިއިރު، ބަހުސް ކުރިއަށް ގެންގޮސްފައިވަނީ މިއަދު އެވެ. މިއަދު މަޖިލީހުގައި މި އިސްލާހުގެ ބަހުސް ނިންމާ، މަޖިލީހަށް ބަލައިގެނެ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވެ އެވެ. އަދި ޖުޑިޝަރީ ކޮމިޓީން މިއަދު ހަވީރު ވަނީ މި ބިލު އޮތްގޮތަށް ފާސްކޮށްފަ އެވެ.
ނަމަވެސް މިރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މި ބިލާއި ގުޅޭގޮތުން ދެއްވާފައިވާ ލަފާފުޅުތަކަކާ ގުޅިގެން މަޝްވަރާ ކޮށްފަ އެވެ.
އެގޮތުން ކައުންސެލް ޖެނެރަލް ފިލްޒާ ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާތީ، އަދަދު އެހެން އޮނަހިރި އަދަދަކަށް ބަލުކުރުމަކީ ސީދާ ޤާނޫނުއަސާސީއާ ޚިލާފުވާކަމެއް ނޫންކަމަށް ލަފާ ދެއްވާފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ އަދަދު މަދުކުރާ ހާލަތެއްގައި، ފަނޑިޔާރެއްގެ ގާބިލުކަމާމެދު ޖޭއެސްސީން ސުވާލު އުފައްދާފައިނުވާ ފަނޑިޔާރުން ގާބިލުނޫން ކަމަށް ކަނޑައަޅަން ޖެހޭފަދަ ހާލަތެއް ޖޭއެސްސީގެ މައްޗަށް އުފެދޭކަން ފާހަގަ ކުރައްވާފައިވެ އެވެ.
މީގެއިތުރުން ފަނޑިޔާރުންނަށް ޖަވާބުދާރީވުމަށް ޖޭއެސްސީގެ ގާނޫނުގެ ދަށުން ލިބިދޭ ފުރުސަތު މިގޮތަށް ވަކިވާ ފަނޑިޔާރުންނަށް ނުލިބުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް މިގޮތަށް ފަނޑިޔާރުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއްތޯ ސުވާލު އުފައްދަވާފައިވެ އެވެ.
ފިލްޒާގެ ލަފާގައި އިތުރަށް ވިދާޅުވެފައިވަނީ، ދައުލަތުގެ އިނާޔަތް ލިބެނީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވާ ފަނޑިޔާރުންނަށް ކަމަށްވެފައި، ޤާބިލުކަން ނެތްކަމަށް ކަނޑައަޅައިގެން ވަކިކުރާ ފަނޑިޔާރުންނަށް މިފަދަ އިނާޔަތެއް ދިނުމަކީ ދެކޮޅުޖެހޭ އުސޫލެއް ކަމަކަށް ނުފެންނަ ކަމަށެވެ.
ކައުންސެލް ޖެނެރަލް ފިލްޒާގެ ލަފާފުޅާ ގުޅިގެން ޖުޑިޝަރީ ކޮމިޓީން މިރޭ ނިންމާފައިވަނީ، އެ ލަފާފުޅާމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށެވެ. މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 6 މެންބަރުންގެ ވޯޓުންނެވެ. މިކަމާ ދެކޮޅަށް 2 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ އިންނެވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓު އެކުލެވިގެންދަނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނުކުރެވިފައިވާ ޖުމުލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
އިސްލާހުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް، މި ޤާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.