ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ކުޑަ ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތްގޮތަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ. މިބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްޔެ އިއްވިއިރު، ބަހުސް ކުރިއަށް ގެންގޮސްފައިވަނީ މިއަދު އެވެ. މިއަދު މަޖިލީހުގައި މި އިސްލާހުގެ ބަހުސް ނިންމާ، މަޖިލީހަށް ބަލައިގެނެ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވެ އެވެ.
މިއަދު ހަވީރު މި އިސްލާހު ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ބޭއްވިއިރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ މިއަދު މި އިސްލާހުގެ މަސައްކަތް ކޮމިޓީން ނިންމާ ފްލޯއަށް ފޮނުވުމަށް ހުށަހަޅާފަ އެވެ. އަދި އެގޮތަށް ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 7 މެންބަރުންގެ ވޯޓުންނެވެ. މިކަމާ ދެކޮޅަށް 2 މެންބަރުން ވޯޓު ދެއްވިއިރު އެއް މެންބަރަކު ވަކިގޮތަކަށް ވޯޓު ނުދެއްވާ އިންނެވި އެވެ. މި އިސްލާހުގެ މަސައްކަތް ނިންމާނެ ވަގުތެއްގެ ގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ އޭޕްރިލް 25 އަށް މަސައްކަތް ނިންމުމަށެވެ. ނަމަވެސް މިކަން ފާސްކުރުމަށް ފެންނަ ކަމަށް 2 މެންބަރުން ވޯޓު ދިންއިރު މިގޮތަށް ފާސްކުރުމާ ދެކޮޅަށް 8 މެންބަރުން ވޯޓު ދެއްވި އެވެ.
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތްގޮތަށް ފާސްކޮށްފަ އެވެ. މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 7 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރުމާ ދެކޮޅަށް 2 މެންބަރުން އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރެއް އިންނެވި އެވެ.
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މި އިސްލާހު ހުށަހެޅުއްވި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ، މި އިސްލާހުގައި ހިމެނެނީ، ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް އަންނަ ބަދަލެއް ކަމަށެވެ. މެންބަރު އަބްދުއްސައްތާރު ވިދާޅުވީ މިއީ މާބޮޑު ދިރާސާއެއް އޮތް ކަމަކެއް ކަމަށް ނުފެންނަ ކަމަށާއި މީގެކުރިންވެސް މިގޮތަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އަދި މި އިސްލާހުގައި ޓެކްނިކަލީ އަންނަ ބަދަލުތަކެއް ނެތުމާއެކު ހުށަހެޅި ގޮތަށް ފާސްކޮށް ފްލޯއަށް ފޮނުވުމަށް ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ. މެންބަރު އަބްދުއްސައްތާރު ވިދާޅުވީ މި ބިލު ކޮމިޓީގައި ލަސްކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި ވީހާވެސް އަވަހަށް ބިލުގެ މަސައްކަތް ނިންމާ ފްލޯއަށް ހުށަހެޅެންޖެހޭ ކަމަށެވެ.
ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މި ބިލު އޮތްގޮތަށް ފާސްކުރަން ޕީއެންސީގެ މެންބަރުން ވާހަކަ ދެއްކެވުމުން އެމްޑީޕީގެ މެންބަރުންވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން މެންބަރު މައުރޫފް ވިދާޅުވީ، މި އިސްލާހާމެދު ޝަރުއީ ދާއިރާ ޤާނޫނީ ދާއިރާގެ އަދި ޤާނޫނީ ފަރާތްތަކުގެ ހިޔާލުތަފާތުވުންތައް ހުރި ކަމަށެވެ. އަދި ކުރީގެ ފަނޑިޔާރުންނާއި އެކި ފަރާތްތަކުން މި އިސްލާހާމެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ހައްސާސް މައްސަލައެއް ބަލަމުންދާ ވަގުތެއްގައި ގާނޫނުު ބަދަލުކޮށް ނުފޫޒު ފޯރުވުމަށް ހިންގޭ މި އަމަލު ކުށްވެރިކުރާ ކަމަށް ވިދާޅުވި އެވެ. މައުރޫފް ޒާކިރު ވިދާޅުވީ މިގޮތަށް މިކަން ކުރުމުން މަޖިލީހާ ދޭތެރޭ ދެކޭގޮތް ބަދަލުވެދާނެ ކަމަށާއި އަދި އިތުބާރު ގެއްލިދާނެ ކަމަށެވެ. އަވަސް އަރުވާލައިގެން މިއިސްލާހުން ހާސިލުކުރަން އުޅެނީ ކޮން ނަތީޖާއެއްތޯ އަދި މިހާރު މިއިސްލާހު ގެންނަން ގައުމުގައި އުފެދުނީ ކޮން ހާލަތެއްތޯ މައުރޫފް ޒާކިރު ސުވާލު އުފެއްދެވި އެވެ.