ރަމަޟާން މަހުގައި ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން، ކޮންމެ ގެއަކަށްވެސް ކަރަންޓު ބިލުން މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލޓެލްކޯ) އިން ބުނެފި އެވެ.
މިކަމާ ގުޅޭގޮތުން މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަދި ސީނިއަރ މެނޭޖަރ ވިދާޅުވީ، މިއަހަރުގެ ރޯދަމަހުގެ ކަރަންޓު ބިލު ތައްޔާރުކުރުމުގައި މިދިޔަ އަހަރާ ތަފާތު ގޮތްތަކެއް ގެންގުޅޭނެ ކަމަށެވެ.
އެގޮތުން، ރޯދަމަހުގެ ބިލު ވަކި ބިލެއްގެ ގޮތުގައި ތައްޔާރުކުރުމަށްޓަކައި، ރަމަޟާން މަސް ފެށުމުގެ ކުރިން ހުރިހާ ގެއެއްގެ މީޓަރ ރީޑިންގ ނެގުމަށް ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނުކުންނާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. މިއީ އާންމު ގޮތެއްގައި މީޓަރ ރީޑިންގ ނެގުމަށް ނުކުންނަ 29 މުވައްޒަފުންނާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ރޯދަމަހުގެ ބިލުން ކޮންމެ ގެއަކަށްވެސް މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށާއި، މި ޑިސްކައުންޓުގެ އެންމެ މަތީ މިންވަރަކަށް ލިމިޓެއް ކަނޑައަޅާފައި ނުވާ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
މީގެ އިތުރުން، ރޯދަމަހުގެ ބިލު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި، ރަމަޟާން މަސް ނިމުމާއެކު މާރިޗު 30 ވަނަ ދުވަހު އަނެއްކާވެސް މީޓަރ ރީޑިންގ ނަގައި، އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި ރޯދަމަހުގެ ބިލު ރައްޔިތުންނަށް ލިބޭނެ ކަމަށްވެސް ސްޓެލްކޯއިން ހާމަކުރި އެވެ.
މި އިންތިޒާމުތަކަކީ މާލެ ސަރަހައްދަށް އެކަނި ނޫން ކަމަށާއި، ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މިފަދަ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއެކު ސްޓެލްކޯ އިން ނިންމި ނިންމެކެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ރަމަޟާން މަހުގައިވެސް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ކޮންމެ ގެޔަކަށްވެސް ކަރަންޓު ބިިލުން ޑިސްކައުންޓެއް ދިނުމަށް ނިންމާގފައިވާކަން މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ހާމަކުރައްވާފަ އެވެ. މިދިޔަ އަހަރުވެސް ރަމަޟާން މަހާއި ދިމާކޮށް، ސަރުކާރުން ކަރަންޓާއި ފެން ބިިލުން ޑިސްކައުންޓް ދީފަވެ އެވެ.