ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ދޫކުރި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މި ހަފްތާގެ ބުރާސްފަތި ދުވަހު އިއުލާނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފްލެޓް ލިސްޓު އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އާއްމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނި ނަމަވެސް އެ މުއްދަތަށް ލިސްޓު އާންމު ނުކުރެވުނު އިރު ދެން މިނިސްޓްރީން ބުނީ ނޮވެމްބަރު މަހުގައި ލިސްޓު އާންމުކުރާނެ ކަމަށެވެ.
އޭގެ ފަހުން ހައުސިން މިނިސްޓްރީން ބުނީ ކުރިން އާންމު ކޮށްފައިވާ ”ގެދޮރުވެރިޔާ“ ސްކީމުގެ އުސޫލުގެ ދަށުން ކަށަވަރުކުރަން ޖެހޭ ގިނަ ކަންކަން ހުރުމާއި ގުޅިގެން އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ.
ދ. އަތޮޅު ހުޅުދެލި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން ބާއްވާ ނޫސްވެރިން ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކަން އިއުލާން ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލާނެ ކަމަށެވެ. އެމަނިކުފާާނު ވިދާޅުވީ މި ފަސް އަހަރުގެ ދައުރު ނިމޭއިރު، ބޯހިޔާވަހިކަމުގެ ފުރުސަތު ނުލިބޭ ރައްޔިތަކު ނުހުންނާނެ ކަމަށެވެ.
މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓް ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ، އޭސީސީއަށް ޝަކުވާ ހުށަހަޅައިފަ އެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ގެދޮރުވެރިޔާ ސްކީމް